ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް ކޮށްފިއެވެ.
އެފްއޭއެމްގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަކާއި ކުންފުނިތަކެއްގެ އެކައުންޓްތަކަށް ފީފާއިން އިން ދިން ފައިސާ ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރަނީ ބައްސާމްގެ އިތުރުން އަމިން ކޮންސްޓްރަކްޝަނާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށެވެ.
މީގެތެރެއިން އަގީލަކީ އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑެވެ. އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއަށް އެހީތެރިވެދިން ކަމުގެ ދައުވާއެވެ.
ކޯޓަށް ހާޒިރުވާން އިއްޔެ އެންގުމުން ވެސް އަގީލް ހާޒިރެއް ނުވެއެވެ. އެހެންކަމުން އޭނާ ބަންދު ކޮށްގެން މިއަދު ހާޒިރު ކުރުމަށް ކޯޓުން ވަނީ އިއްޔެ އަމުރު ކޮށްފައެވެ.
ނަމަވެސް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރި އަޑުއެހުމަށް ވެސް އަގީލް ހާޒިރެއް ނުކުރެވުނެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އަގީލް ބަންދު ނުކުރެވޭތީ ކަމަށެވެ.
އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެއެވެ.



