ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރަންމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށާއި، ރިހިމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ދިވެހި ކުޅުންތެރިންނަށް ތަހުނިޔާ ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކޮށް ރަން މެޑެލް ހޯދާފައިވަނީ، ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤާއި ހުސައިން ޒަޔާންއެވެ.
މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަންމެޑެލެވެ. ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއަރއިން ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ.
އިއްޔެ ނިންމާލި މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންއާ ދެކޮޅަށް ނުކުތީ މިސްރުގެ އިއްޒަތު ކަރީމް މަހްމޫދާއި ނޫރު އަހްމަދު ޔޫސްރީގެ ޕެއާއާ ދެކޮޅަށެވެ.
ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ތަމްސީލު ކުރި ނަބާހާ އާއި ޒަޔާންގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 21-18 އަދި 22-20 ންނެވެ.


