ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދިވެހި ސިވިލް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް 200 ފްލެޓު ހާއްސަކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިދިޔަ ހުކުރުދުވަހުގެރޭ އާންމުކުރި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެންނަށް“ އުސޫލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައެވެ.
ދިވެހި ރައްޔިތުންގެތެރޭގައި ހިމެނޭ އުމުރުން 18 އަހަރު ފުރިފައިވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.
އެގޮތުން އެ އުސޫލުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ސިވިލް ސާވެންޓުން ހިމެނެެއެވެ.
ސިވިލް ސާވެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޖުމްލަ 200 ފްލެޓް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ހައުސިން ޔުނިޓަށް އެދި ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ޖަނަވަރީ 4 އިން ފެށިގެން މާރިޗު ތިން ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.



