ވިނަރެސް ޓަވަރުގައި ގާއިމުކޮށްފައިވާ 94 ކާރު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ގަތުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ގައި ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:30ގެ ނިޔަލަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އެޗްޑީސީއަށް މެއިލް ކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން ބީލަން ފޯމު ދޫކުރަން ފެށުމަށް ހަމަޖެހިފައިވާއިރު 18 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ މެނދުރުފަހު 3:30އާ ހަމައަށް ފޯމު ދޫކުރުން ކުރިއަށްދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެޗްޑީސީއިން ބުނީ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި ލިޔެކިޔުންތައް ބަލައި ޝަރުތުހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަން ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ރިސެޕްޝަނުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ ބީލާން ހުށަހެޅުމަށް ހުޅުވާލަނީ އަންނަ ޑިސެމްބަރު މަހުގެ 22 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00އިން ފެށިގެން މެންދުރު 12:00އަށް ކަމަށެވެ. އަދި ބީލަމަށް ހުޅުވާލާނީ އެ ދުވަހު މެންދުރުފަހު 1:00 އިން ފެށިގެން 3:00 އަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.
ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ޕާކިން ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 14 ދުވަހުގެ މުއްދަތެއް ދޭނެކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ. ބީލަން ފެށޭ އަގަކީ 450،000 ރުފިޔާއެވެ.
ވިނަރެސް ޓަވަރުން ވިއްކުމަށް ހަމަޖެހިފައިވާ ޕާކިންގެ އަދަދު:
° ވިނަރެސް 1 – 11 ޕާކިން ޖާގަ
° ވިނަރެސް 2 – 14 ޕާކިން ޖާގަ
° ވިނަރެސް 3 – 6 ޕާކިން ޖާގަ
° ވިނަރެސް 4 – 7 ޕާކިން ޖާގަ
° ވިނަރެސް 5 – 11 ޕާކިން ޖާގަ
° ވިނަރެސް 6 – 12 ޕާކިން ޖާގަ
° ވިނަރެސް 7 – 9 ޕާކިން ޖާގަ
° ވިނަރެސް 8 – 9 ޕާކިން ޖާގަ
° ވިނަރެސް 9 – 7 ޕާކިން ޖާގަ
° ވިނަރެސް 10 – 8 ޕާކިން ޖާގަ



