ހުޅުމާލޭގައި ބާއްވާ އިވެންޓަކުން ސްޓޯލުގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ އޮތް ފަރާތެއްކަން ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކޮށްފިއެވެ.
އެޗްޑީސީން މިފަދައިން އިލްތިމާސްކުރީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު ބޭއްވުމަށް ސްޓޯލް ވިއްކުމާ ގުޅޭގޮތުން ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު/ފެއަރ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނެގުމަކާ ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ވީމާ އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލްގަތުމުގެ ކުރިން، އެ އިވެންޓު ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން، އެޗްޑީސީގެ ޕާމިޓްސް އެންޑް ސާވިސް ސެކްޝަނާ ގުޅައިގެން ޔަގީން ކުރުމަށް އެޗްޑީސީން އިލްތިމާސް ކޮށްފައިވެއެވެ.
އެ ސެކްޝަނާ ގުޅޭ ނަންބަރަކީ: 3356112
އެޗްޑީސީގެ ހުއްދަ ނެގުމެއްނެތި މިގޮތަށް އިވެންޓު ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލްތައް ގަތުމުން ލިބިދާނެ މާލީ ގެއްލުމަކަށް އެޗްޑީސީން ޒިންމާނުވާނެ ކަމުގައި ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލޭގައި ފެއަރ/ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން މިވަގުތު ވަގުތީގޮތުން ވަނީ ހުއްޓާލާފައި ކަމަށެވެ.



