މާލެ ސަރަޙައްދަށް ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ 2 އަހަރުތެރޭގައި 1.6 މެގަވޮޓުގެ ހައިސްޕީޑް 20 ޖެންސެޓް މާލެ ސަރަޙައްދަށް އިތުރުކޮށްފައިވާކަން ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކުރީ މި ސަރުކާރަށް މިއަދު 2 އަހަރު ފުރުމާ ގުޅިގެން އެ ކުންފުނިން އެ މުއްދަތުގައި ކޮށްފައިވާ މުހިންމު ކަންކަން ހާމަކުރަމުންނެވެ.
އޭގެތެރޭގައި މާލެ ސަރަހައްދުގެ ޕީކް ހޭންޑްލިންގްއަށް އެނެކްސް ގާއިމް ކުރުން ވެސް ހިމެނެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ، މާލެ ސަރަހައްދުގައި ކަރަންޓަށް އިތުރުވަމުންދާ ޑިމާންށާއި ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރު ހުޅުމާލޭގައި ސްޓެލްކޯ އެނެކްސް ގާއިމްކޮށް، ހައިސްޕީޑް ޖެންސެޓް އިންސްޓޯލްކޮށް، ކޮމިޝަން ކުރެވިފައިވާ ކަމަށެވެ.
ހުޅުމާލެ އެނެކްސް 1 އަދި 2 ގާއިމް ކުރުމާ ގުޅިގެން މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ކަށަވަރުކަން އިތުރު ކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން 2024 ވަނަ އަހަރު ހުޅުމާލެ އެނެކްސް 1 ގާއިމްކޮށް 1.6 މެގަވޮޓްގެ ހައިސްޕީޑް 8 ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން މިއަހަރު ހުޅުމާލެ އެނެކްސް 2 ގާއިމްކޮށް 1.6 މެގަވޮޓްގެ ހައިސްޕީޑް 12 ޖެންސެޓުވެސް ވަނީ އިންސްޓޯލްކޮށް ކޮމިޝަން ކޮށްފައެވެ.



