ތ. ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު މިއަދު ބައްލަވާލައްވައިފިއެވެ.
ވިލުފުށީގައި ޒަމާނީ އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.
އެމްއޭސީއެލްއާ އެ މަސައްކަތް ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހަތަރު އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުއްޓަށްް އެދުވަހު ވަޑައިގެންނެވެ.

އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށް އެއިރު ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ޝަރީފު އެވެ.
ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ގެންދަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ވިލުފުށީގެ ތަަރައްގީއަށް ވެސް އެކި މަޝްރޫއު ފައްޓަވާދެއްވާފައިވެއެވެ.



