ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރި ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑިކޮޅު ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ.
އެ ދެ ގޮނޑިކޮޅު ރާއްޖެއާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ރާއްޖެއަށް ޙަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެ ގޮނޑިތަކުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިފަދަ މާނަ ފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭކަމުގައި ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު، އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.



