ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށް ”އޮޕަރޭޝަން ހަމަ މަގު“ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ހޯމް މިނިސްޓަރު ޢަލީ އިހުސާނާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙްއެވެ.
އިމިގްރޭޝަނުން ބުނީ މާލޭ ސަރަހައްދުގައި މި ޕްރޮގްރާމު ކުރިއަށްގެންދާއިރު އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވާނީ ބިދޭސީން އުޅޭ ސަރަހައްދުތައް ޕެޓްރޯލް ކުރާ އުސޫލުން ސައިކަލުތަކުގައި ކަމަށެވެ.
އަދި މި ޕްރޮގްރާމުގެ ތެރެއިން މުޅި މާލެ ސަރަހައްދު ޕެޓްރޯލް ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަނާއި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަން ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ’އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށެވެ.
އަދި މިއީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.



