އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމުގެގޮތުން ދެ ކޯޓް ރޫމް ހުޅުވައިފިއެވެ.
އެ ދެ ކޯޓް ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވި މެޙެމާނުން އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
ކަރެކްޝަނުން ބުނީ އަލަށް ހުޅުވުނު ދެ ކޯޓް ރޫމްގެ ސަބަބުން، މާލެ އަދި އެހެން ރަށްރަށުގެ ކޯޓްތަކަށް ހާޟިރުކުރަން ޖެހޭ ޤައިދީންނާއި ބަންދުމީހުންނަށް، ދަތުރުފަތުރުނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ފުރުޞަތުތައް އިތުރު ވެގެންދާނެެެ ކަމަށެވެ.
އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު ވެސް މިހާރަށްވުރެ އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.
އައްސޭރި ޖަލުގައި ދެ ކޯޓް ރޫމް ހުޅުވުމުގެ އިތުރުން، ކޮމިޝަނަރ ޙަސަން ޒަރީރު ވަނީ އެ ޖަލުގެ އޮފިސަރުންނަށް ތިން ބެރެކްސް ހުޅުވާދެއްވައިފައެވެ.
އޮފިސަރުންގެ ބެރެކްސް އިމާރާތްކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނާއި މުވައްޒަފުން އަދި ޤައިދީން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، އެފަރާތްތަކަށް ކޮމިޝަނަރ ޙަސަން ޒަރީރު ޝުކުރު އަދާކުރެއްވިއެވެ.
މި ބެރެކްސް އިމާރާތްކޮށް ހުޅުވުމުގެ ބޭނުމަކީ އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ އެކޮމަޑޭޝަންއަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމެވެ.



