ވަށާޖެހޭ ތަރައްޤީއަކަށް ވާނީ އަޅުގަނޑުމެންގެ ފިކުރު ތަރައްޤީކޮށްގެންކަމަށާއި، ޚާއްޞަކޮށް ޅަދަރީންގެ ފިކުރު ތަރައްޤީކުރުމަށްޓަކައި ތަޢުލީމީ ސިޔާސަތަކީ އެންމެ މުހިންމު އެއް ކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ ”ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104 ގެ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު“ ގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އޮންނާނީ ވަށާޖެހޭ ތަޢުލީމީ ސިޔާސަތެއް ބިނާކުރުމަށްކަމުގައި ވިދާޅުވިއެވެ. ވަށާޖެހޭ ތަޢުލީމީ ސިޔާސަތަކީ ތުއްތު ކުދިން ބޮޑުކުރަންޖެހެނީ އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކޮށް، އެ އައިޑެންޓިޓީއަށް ފަޚުރުވެރިވެ، އެއާމެދު ފިކުރުކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ތިބޭ ބައެއްގެ ގޮތުގައި ތަރައްޤީކުރެވިގެން ކަމުގައި ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ވަށާޖެހޭ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ސިޔާސަތު ބައްޓަންކުރެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ޤައުމިއްޔަތު މާއްދާ ތަޢާރަފުކުރެއްވީ އެ ބޭނުންފުޅުގައިކަން ހާމަކުރެއްވިއެވެ. މިހާރު މި މާއްދާ ވަނީ އެންމެ ދަށް، ކީ-ސްޓޭޖްތަކުގައި ކިޔަވައިދޭން ފަށާފައިކަމަށާއި އަދި އެ އޮންނަ އުޞޫލުގެ ތެރެއިން އެކަން ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ތަޢުލީމީ ދާއިރާގައި ބިދޭސީންގެ ޢަދަދު ވަރަށް ގިނަ. ތަޢުލީމީ ދާއިރާއަކީ ދިވެހިން ކިޔަވައިދޭ ދާއިރާއެއްގެ ގޮތުގައި ތަރައްޤީ ކުރަންޖެހޭ. މިގޮތުން ތަޢުލީމީ ދާއިރާއަށް ދިވެހި މުދައްރިސުން ތަމްރީނުކުރުމަށްޓަކައި ސަރުކާރުން ބިޔަ މަސައްކަތެއް ވަނީ ފައްޓަވާފަ. އޭގެތެރެއިން 190 ދަރިވަރުން މުދައްރިސުކަމުގެ ތަމްރީނު ހަދަމުންދޭ، އެ ދަރިވަރުންނަށް ޚާއްސަ އިނާޔަތެއް ވެސް ދަނީ ދެމުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ގްރޭޑް 10 ނިންމާ ކުދިން ފާސްވާ ނިސްބަތް ހުރީ ވަރަށް ދަށުގައި ކަމަށާއި، އެގޮތުން 2023 ގައި 31 އިންސައްތައިގައި ހުރި މި ނިސްބަތް 2025 ގައި 49 އިންސައްތައަށް މަތިކުރެވިފައިވާކަން ހާމަކުރައްވާ ރައީސް މުޢިއްޒު ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކާމިޔާބީއެއް ހޯދުމަކީ އާދައިގެ ކަމެއް ނޫންކަމުގައި ވިދާޅުވެފައެވެ. އަދި އެއީ މުޅި ތަޢުލީމީ ނިޒާމުގެ ތެރޭގައި ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މަދަރުސީ ތަޢުލީމުގެ ތެރެއިން ހުނަރާއި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި ގްރޭޑް 10 ނިންމާ ކުދިންނަށް އޭ-ލެވެލް ފެންވަރަށް ކުރިއަށްދެވޭނެ 3 ޕާތުވޭއެއް ކަނޑައަޅުއްވައި، އެކެޑަމިކް، ވޮކޭޝަނަލް ސްކޫލް އަދި ވަރކް ބޭސްޑް (އެޕްރެންޓިސްޝިޕް) ގެ މަގުތަކުން ދަރިވަރުންނަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މީގެބޭނުމަކީ އޯ-ލެވެލް އަދި އޭ-ލެވެލަށް ކިޔަވައިދޭ ސްކޫލްތައް އިތުރުކުރުމާއެކު، ދަރިވަރުން ސްކޫލް ނިންމާ އަހަރަކީ ގްރޭޑް 10ގެ ބަދަލުގައި ގްރޭޑް 12 އަށް ހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




