މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މިނަމުގައި ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


