ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް އެކުލަވާލައި ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުން ވެސް އަންނަ ޖެނުއަރީ މަހު ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އަލުން ކުރިމަތިލާން ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލޭގައި އިމާރާތްކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ އެކު ގިނަ ބަޔަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ލިސްޓެއް އާންމު ކުރިއެވެ. އެ ސްކީމަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން މި ސަރުކާރުން ކަނޑައެޅި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 7،500 ހައުސިން ޔުނިޓް ދޫކުރަން ވަނީ ނިންމައިފައެވެ. އެގޮތުން އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 ގައި ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ނާޒިމް މުހައްމަދު އޮންލައިން ނޫސް ”މިހާރު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންމެ ފަހުން އެކުލަވާލި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ވެސް ޖެހޭނީ އަލުން ހުޅުވާލާ ފްލެޓަށް ކުރިމަތިލާން ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެގޮތަށް ނިންމީ މި ސްކީމުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ޕޮއިންޓު ދޭ އުސޫލު ވެސް ކުރިން ފްލެޓް ދޫކުރި އުސޫލާ ތަފާތުވާތީ ކަމަށެވެ.


