ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެއްޓުމާގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ 93 ސަރަހައްދު އޮތްއިރު، މީގެ ތެރޭގައި 3 ބަޔޮސްފޮޔަރ ރިޒާވް ހިމެނޭއިރު އިތުރު 3 ބަޔޮސްފިޔާރ ރިޒާވް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިތަންތަން ޙިމާޔަތްކޮށް މެނޭޖްކުރާނެ ފަރާތްތައް ބޭނުންވާ ކަމަށެވެ.
”މިފަދަ ތަންތަން މެނޭޖްކުރާނެ ފަރާތެއް ނެތިއްޖެނަމަ އެތަންތަން ޙިމާޔަތްކުރުމުގެ ހަޤީޤީ މަޤްޞަދު ހާސިލްނުވާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިހާރު ފަރުމާކުރެވޭ ޑިވެލޮޕްމަންޓު އޮފް ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯހަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މި ކޯސް 6 މަސްތެރޭގައި ފަރުމާކޮށް އަންނަ އަހަރު ތެރޭގައި ކޯސް ފެށިގެން ދާއިރު އުންމީދަކީ ގިނަ ފަރާތްތަކެއް މި ކޯހުގައި ބައިވެރިވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މިނިސްޓަރު ޠާރިޤު އިބްރާހީމު ވިދާޅުވީ އެމްއެންޔޫއިން ތިމާވެށީގެ ދާއިރާއިން މުހިންމު ގިނަ ކޯސްތަކެއް ވަރަށް ކާމިޔާބުކާމައެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން އެމްއެންޔޫގެ ވައިސް ޗާނެސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި އެއްބަސްވުމަކީ ގުދުރަތީ މާހައުލު ޙިމާޔަތް ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އަދި މި ޕްރޮގްރާމްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ރޭންޖަރުންގެ ހުނަރު އިތުރުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް ކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.



