ދުޅަހެޔޮ މުސްތަޤުބަލަކަށް ބޭނުން ކުރާ ބޭހަކީ ރަނގަޅު އަސަރުކުރާ ބޭސްކަން ޔަޤީން ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް އެވެއަރނެސް ވީކް ފާހަގަކުރުމާއި ގުޅޭގޮތުން މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެންޓިމައިކްރޯބިއަލް ރެސިސްޓެންސަކީ ޞިއްޙަތަށާއި ކާނާއަށް އަދި އިޤްތިޞާދަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ.
އަދި ރާއްޖެއިން ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކޮށް ތަންފީޒުކުރަމުންދާ، ޤައުމީ އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އެކްޝަން ޕްލޭންގެ ދެ 2 އަމާޒަކީ އެންޓިބައޮޓިކް ބޭސް ޒިންމާދާރުކަމާއެކު ބޭނުން ކުރުމާއި ވަން ހެލްތައް އެއްބާރުލުން ދިނުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.




