އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޢާއިލީ ވިޔަފާރި ކުންފުނި، ޓްރަމްޕް އޯގަނައިޒޭޝަންއާއި އޭނާއާ ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އެހެން ވިދާޅުވީ ޓްރަމްޕް އޯގަނައިޒޭޝަނާއި ސައުދީ އަރަބިއާގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވަނީ މި ވަގުތު އެމެރިކާއަށް ދަތުރުކުރައްވަމުންދާ ސައުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންއާ ވައިޓް ހައުސްގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، އެމެރިކާގެ ރައީސްގެ މަޤާމުގައި ޓްރަމްޕް ހުންނަވަނިކޮށް ސަޢުދީ ޢަރަބިއްޔާއާ އެކު ޓްރަމްޕްގެ ޢާއިލީ ކުންފުނިން ވިޔަފާރިކުރުމަކީ މަސްލަހަތަށް ފުށުއަރާ ކަމަކަށް ނުވާނެތޯ ނޫސްވެރިން ސުވާލު ކުރިއެވެ.
އެ ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ޢާއިލީ ކުންފުންޏާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށާއި، އޭނާ އެ ކުންފުނި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހުރިހާ ހަކަތައެއް މިހާރު ވަނީ ސިޔާސީ މަސައްކަތަށް ހުސްކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ޢާއިލާއިން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ވިޔަފާރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


