ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިންގަނީ ފައިދާގައި ކަމަށާއި މިހާރު ބައިނަލްއަޤްވާމީ ބޭންކުތަކުންވެސް ބީއެމްއެލް ބަލައިގަނެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބީއެމްއެލްގެ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ހިންގުމާއި އޭނާ ހަވާލުވެ ވަޑައިގެންނެވިއިރު ބޭންކަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެން ދިޔަ ގޮތަށް އެކަމުން އަރައި ނުގަނެވި އޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ސަރުކާރުގެ އެހީތެރިކަމާއެކު އެ ހަލާތުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ މާލީ ހާލަތުވެސް ރަނގަޅުކަން ސީއީއޯ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
”އަޅުގަނޑުމެން މިއަހަރު ނިންމާލާނީ، އަނެއްކާވެސް ރެކޯޑު އަހަރެއްގެ ގޮތުގައި. މިދެންނެވީ ބޭންކަށް ލިބޭ ފައިދާގެ ގޮތުންވެސް ބޭންކަށް ލިބޭ ފައިނޭންޝިއަލް ރެޝިއޯތަކުންވެސް. މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ނަންބަރުތަކުން އަޅުގަނޑުމެންނަށް އެކަން ހާމަވޭ. އަޅުގަނޑުމެންގެ ސްޓްރެޓިޖިކް ޕްލޭނުގައިވެސް އޮންނާނެ ވިޔަފާރި އިތުރަށް ފުޅާކުރަން. އެހެން ކަމުން މިއަންނަ އަހަރަކީވެސް މިއަހަރަށްވުރެ ކާމިޔާބު އަހަރަކަށް ވެގެންދާނެ“ ޝަރީފް ވިދާޅުވިއެވެ.



