ނިދާފައި އޮއްވާ، މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު، ބޮލަށް ހަމަަލާތަކެއްދީ ބޮޑެތި ޒަހަމްތަކަކާއެކު މަރާލާފައިވާ އއ. މާޅޮސް އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމް (65އ.) ގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކުރީ މިއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގައެވެ. ނަމަވެސް އެއީ ކޮންބައެއްކަން ފުލުހުން އެއިރު އާންމުކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ:
° ލިލީފެހި، އއ. މާޅޮސް / މުހައްމަދު ވިސާމް (23އ.)
° ފިނިވާގެ، އއ. މާޅޮސް / އަހުމަދު ފާރިސް (28އ.)
° ފިޔަ، އއ. މާޅޮސް / އަހުމަދު އާޝިދު (28އ.)
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، އެ ތިން މީހުންގެ މައްޗަށް އިއްޔެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަމަށެވެ.
އަބްދުއްރަހްމާންގެ މަރު: ހައްޔަރުކުރި މީހުން އެނގުމުން ގިނަ ބަޔަކަށް ލިބުނީ ބޮޑު ސިހުމެއް!
އެގޮތުން މި ތިން މީހުންގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާތަކަކީ:
° މުހައްމަދު ވިސާމް – ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
° އަހުމަދު ފާރިސް – ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
° އަހުމަދު އާާޝިދު – ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
އަބްދުއްރަހްމާން މަރުވި ދުވަހު މި ތިން ޒުވާނުންވެސް ރަށުގައި އުޅުނުކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުން ކުރި ހުރިހާ ކަމެއްގައިވެސް މި މީހުން ބައިވެރިވެ އެހީތެރިވިކަމަށް އެނގިފައިވެއެވެ.
މީގެއިތުރުން މި ޒުވާނުންނަށް އެފަދަ ތުހުމަތެއްވެސް ނުކުރެވޭކަމަށާއި މި ޒުވާނުންނަކީ ރަށުގެ އެންމެނާއިވެސް ގުޅޭ ކުށުގެ ވެށީގައި އުޅޭ ބައެއް ނޫންކަމަށްވެސް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ.
އަބްދުއްރަހްމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުންގެ ތެރެއިން މުހައްމަދު ވިސާމްއަކީ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަނެއް ދެ ޒުވާނުންނަކީ ސަރުކާރުގެ ދެ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންނެވެ.
އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައެވެ. އެ ގެއަކީ އޭނާގެ އަންހެނުންގެ ގެއެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ. އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެއެވެ.
ހައްޔަރުކުރި ތިން މީހުންނާ ބެހޭގޮތުން އެހެން ނޫހަކަށް މައުލޫމާތު ދެމުން އަބްދުއްރަހްމާންގެ އާއިލާއިން ބުނީ، އެ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާއި މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ މީހުންނަކީ ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ.




