މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައިފާސްކޮށް، ހަށިވިއްކާކަމުގެ ތުހުމަތުގައި ތައިލެންޑުގެ 3 އަންހެނަކާއި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމާމް ރަޝީދު 5 ދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް އާއި ސުޕަވަޑީ ޖޮމްޓަރަކު 3 ދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



