ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ރޭގެ ވަގުތެއްގައި ބެލްޖިއަމަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޑރ. ޚަލީލު ބެލްޖިއަމަށް ފުރާވަޑައިގެންފައި ވަނީ ހައި-ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތުފުޅަކަށް ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މި ފޯރަމް ކުރިއަށް ދާނީ މި މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ފޯރަމަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުޞަތެއް ކަމަށެވެ.
މި ފޯރަމްގެ ތެރެއިން ”ކޮމަން އެންޑޭވާރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ“ ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި މިނިސްޓަރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި މި ފޯރަމްގެ ޙަވާސާގެ ތެރެއިން ރަޙްމަތްތެރި ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި މިނިސްޓަރު ޚަލީލް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހިރާއްޖެ މި ފޯރަމްގައި ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.



