ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ކުޑަ އަންހެން ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ކަމަށްވުމާއެކު، މިކަމާ ގުޅޭ އިތުރު މައުލޫމާތެެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އެމްއެންޑީއެފް މީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނެއްގެ ކުޑަ ދެ އަންހެން ދަރިން (އެ އަންހެން މީހާގެ ރުހުމުގައި) ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކައި، ގްރޫމްކޮށް އަދި އެކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.



