މި އަހަރާއި އަންނަ އަހަރުގެ ބަޖެޓް ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލައި މެނޭޖުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހުން ފާސްކުރާ ބަޖެޓްގެ އިތުރަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި ހަރަދުކުރަމުން ގެންގޮސްފައިވާ ކަމަށެވެ.
”ނަމަވެސް މި ސަރުކާރުން އަމާޒު ހިފާފައި ވަނީ، ސަޕްލިމެންޓްރީ ބަޖެޓް ހުށަނާޅައި، މަޖިލީހުން ފާސްކުރާ ބަޖެޓުން ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން މެނޭޖުކުރުމަށް“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހުނީ މިދިޔަ ސަރުކާރުން ހުށަހެޅި ބަޖެޓެއްގެ ތެރެއިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރު ވެގެންދާނީ، ސަރުކާރުން ފުރަތަމަވެސް އަމާޒު ހިފި ގޮތަށް، 10 ބިލިއަން ރުފިޔާއިން ދަށުގައި ދަރަނި ގެންގުޅޭ އަހަރަކަށް ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލައި ފަސޭހަ ކަމާއިއެކު މި އަހަރު ނިންމާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ހަމައެހެންމެ އަންނަ އަހަރުގެ ބަޖެޓްވެސް ފާސްވެގެންދާއިރު، ސަޕްލިމެންޓްރީ ބަޖެޓަކާއި ނުލައި މެނޭޖުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އަމާޒު ހިފާފައިވާގޮތަށް ކުރިއަށްދާނަމަ ދަރަނީގައި ނުޖެހި ދަރަނި ކުޑަކޮށްގެން ކުރިއަށްދެވޭނެ ކަމަށެވެ.




