އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންނަށް ދޫކޮށްފައިވާ ސައްހަ ވިސާގެ ގޮތުގައި ބަލާނީ އީ-ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ އިދާރާ އިން ފޯރުކޮށްދޭ ވިސާގެ ހިދުމަތް ހިމެނޭހެން ހުރިހާ ހިދުމަތެއް ވެސް މިހާރު ވަނީ ޑިޖިޓަލް ކޮށްފައެވެ.
އެގޮތުން އިމިގްރޭޝަނުން ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސިންނަށް އީ-ވިސާ ދޫކުރުމަށެވެ.
ވިސާ ދޫކުރުމުގެ ކަންތަކަށް އަންނާނެ ބަދަލުތައް:
° ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވިސާ ޖެހުމުގެ ބަދަލުގައި އާދިއްތަ ދުވަހުން ފެށިގެން ދޫކުރާނީ އީ-ވިސާ
° ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 23 ނޮވެމްބަރުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް ޕާސްޕޯޓުގައި އޮތް ނަމަ އެ ދުވަހުން ފެށިގެން އީ-ވިސާއަށް ބަދަލުވާނެ
° ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް އެއީ ސައްހަ ވިސާއަކަށް ނުބަލާނެ
° ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ ވިސާ ކަމުގައި 23 ނޮވެމްބަރުން ފެށިގެން ބަލާނީ އީ-ވިސާ
° ޕާސްޕޯޓުގައި މުއްދަތު ހަމަނުވާ ވޯކް ވިސާ އޮތް ނަމަވެސް 23 ނޮވެމްބަރުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހުއްދަ އަދި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭނީ އީ-ވިސާ އޮތްނަމަ



