އަތޮޅު ކައުންސިލްތަކަކީ، ލާމަރުކަޒީ ނިޒާމުގައި ބުރަ ބޮޑު ލޭޔަރއެއް ކަމަށާއި އެ ލޭޔަރ ނައްތާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވައި ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފި ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑިއާ ގުޅޭގޮތުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ވަނީ ހިމަނުއްވާފައެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ، ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އެންމެފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ގެނެވޭ އިސްލާޙެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލް އުވާލުމަށް ސަރުކާރުން ނިންމަވާފައިވަނީ، އެއީ ލާމަރުކަޒީ ނިޒާމުގައި އުފެދިފައިވާ އިތުރު ލޭޔަރ އަކަށްވާތީ ކަމަށާއި، އެ ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތައް އިތުރަށް ބާރުވެރިވެ، ހަރުދަނާ ވެގެންދާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.



