ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން ގިނަ އަދަދެއްގެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އެ ހިދުމަތް ފެށުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލެ ޓެކްސީ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދަން އިއުލާންކޮށްފައެވެ.
އެ ވަޒީފާއާ ގުޅެން ބޭނުންވާ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓް ޓައިމް ޑްރަައިވަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ ޚިދުމަތަށް ޖުމުލަ 407 ޑްރައިވަރުން ހޯދުމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ.
އޭގެ ތެރޭގައި ޕާޓްޓައިމްކޮށް މަސައްކަތް ކުރަން 122 ޑްރައިވަރުން އަދި ފުލްޓައިމްކޮށް މަސައްކަތް ކުރަން 285 ޑްރައިވަރުން ހޯދަން އިއުލާނުކޮށްފައި ވެއެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ އެންމެފަހު ތާރީހަކީ
އަންނަ މަހުގެ 17 ވަނަ ދުވަހެވެ.
ސަރުކާރުގެ ޓެކްސީ ލައިން ”މާލެ ޓެކްސީ“ ލައިނާއެކު މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ޚިދުމަތް ފެށުމުން އަމިއްލަ ޓެކްސީތަކުގެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
24 ގަޑިއިރު ޚިދުމަތްދޭ ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތުގެ ޓެކްސީތަކުގެ ސްޕީޑް މޮނީޓާ ކުރެވޭއިރު، ސީސީޓީވީ އަދި ޑޭޝްކެމް ހަރުކޮށްފައި ހުންނާނެއެވެ. މީގެ އިތުރުން ދަތުރަށް ހޭދަވި ވަގުތާއި އެހެނިހެން ކަންކަމަށް ހޭދަވި ވަގުތު ވެސް މޮނީޓާ ކުރެވޭނެއެވެ.
އެ ހިދުމަތް ފަށަން ރާއްޖެއަށް ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކެކެވެ. އެ ކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ގެންނަންޖެހޭ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި ބަދަލުތަކާއެކު އެ އުޅަނދުތައް ހެދުމުގެ މަސައްކަތް ނިންމާ ކުރިއަށްއޮތް 3 މަހުގެ ތެރޭގައި އުޅަނދުތައް ގެނެސް ޚިދުމަތް ފެށޭނެ ކަމަށް ސަރުކާރުން ހާމަ ކުރެއެވެ.




