ޗައިނާގެ ވެންޒޯގައި ބޭއްވުނު 2025 މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެ ފަތުރުވެރިކަން ފުޅާކުރުމަށް އިސްކަންދޭކަން ފާހަގަކޮށްފިއެވެ.
މި ކޮންފަރެންސް ބާއްވާފައިވަނީ ޗައިނާއާއި ސިލްކް ރޯޑްގައި ހިމެނޭ ގައުމުތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން ތަރައްގީވުމަށް މަގު ފަހިކުރުމަށެވެ.
މި ކޮންފަރެންސްގެ މެރިޓައިމް ސިލްކް ރޯޑް ކަލްޗަރަލް ކޯޕަރޭޝަން މައި ޕްލެނަރީ ސެޝަންގައި، ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒެވެ. ޑރ. ނިޔާޒު ވަނީ މި ސެޝަންގެ މައިގަނޑު ތަޤުރީރު އިއްވާފައެވެ.
އެގޮތުން ޑރ. ނިޔާޒްގެ ތަޤުރީރުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޗައިނާގެ މާކެޓުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިހާރުވެސް ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްދާ މާކެޓިންގ އަދި ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މައްޗަށް ޑރ. ނިޔާޒް އަލިއަޅުއްވާލެއްވިއެވެ.
“ މި ސަރުކާރުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، މަދުކޮށް މީހުންދާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، ސަގާފީ އަދި ކޮމިއުނިޓީ ބެސްޓް ފަތުރުވެރިކަން ކުރިއެރުވުން ހިމެނޭ“ ޑރ. ނިޔާޒްގެ ތަގުރީރުގައި ހިމެނެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭކަންވެސް ޑރ. ނިޔާޒްގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.




