ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވާލި ޕްލޭން ލިބިފައިވާކަން ރަޝިޔާއިން ކަށަވަރުކޮށްދީފިއެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ހުށަހެޅުން މޮސްކޯއަށް ލިބިފައިވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުއެވެ.
ރައީސް ޕޫޓިންއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޔުކްރެއިން-ރަޝިޔާގެ ސުލްހައިގެ ޕްލޭން އެކުލަވާލީ އަލަސްކާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމުގެ ކުރިންނެވެ.
ރަޝިއާއަށް އެ ޕްލޭން ލިބިފައިވާކަން ހާމަކޮށް ރައީސް ޕޫޓިން ވިދާޅުވީ އެ ޕްލޭނަކީ ޔޫކްރެއިންގެ މައްސަލައަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރުމަށް އަސާސެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ނަމަވެސް ޔޫކްރެއިނުން އެ ޕްލޭނާ ދެކޮޅު ހެދުމުން އެމެރިކާ ސަރުކާރުން އަދި ޔޫކްރެއިންއާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށްވެސް ރައީސް ޕޫޓިންއާ ހަވާލާދެއްވާ ރިޕޯޓުތައް ބުނެއެވެ.
ރަޝިޔާގެ ހަމަލާތައް ހުއްޓުވުމަށް ޔޫކްރެއިންއިން މަސައްކަތް ކުރަމުންދާ މި ނާޒުކު ދަނޑިވަޅުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންއަށް ”އުނދަގޫ“ ނިންމުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ޔޫކްރެއިންގެ ބޮޑު ސަރަހައްދެއް ރަޝިޔާއަށް ދިނުމަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި ރަޝިޔާއިން އެއްބަސްވެ ޕްލޭން އެކުލަވާލާފައި ވަނީ އެ މަޝްވަރާތަކުގައި ޔޫރަޕިއަން ޔޫނިއަނުން އަދި ކީވުން ބައިވެރިކުރަންޖެހޭނެ ކަމަށް ގޮވާލާފައި ވަނިކޮށެވެ.
ޔޫކްރެއިންގެ ވިހި އިންސައްތަ މިހާރުވެސް ރަޝިޔާގެ ބާރުގެ ދަށުގައި ވާއިރު ހަނގުރާމަ ހުއްޓާލަން އެކުލަވާލި ޕްލޭންގެ ދަށުން ރަޝިޔާއިން ބޭނުންވާ ޔޫކްރެއިންގެ ސަރަހައްދުތަކަކީ ޔޫކްރެއިންގެ ސިނާއީ މައި މަރުކަޒުތައް ހުރި ސަރަހައްދުތައް ކަމަށްވާ ކްރީމިއާގެ އިތުރުން ޑޮނާސްކް އާއި ލުގާންސްކް އަދި ޒަޕޯރިންޒިއާ އާއި ޑޮންބަސްގެ ސަރަހައްދެވެ.



