ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ ”މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025“ ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި މުހިންމު ކޮންފަރެންސް ނޮވެމްބަރު 24 އިން 26 އަށް ލ. ގަމުގައި ކުރިއަށްދާނެ ކަމަށެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެ ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުމެވެ.
އެގޮތުން މި ކޮންފަރެންސްގައި ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ ގަމުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެ ކަމަށެވެ.
މި ކޮންފަރެންސްއަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަދި މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ މުހިންމު ބައެއް ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.




