އީރާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އިންޑިއާގެ ތެޔޮ އުފައްދާ ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ރަޝިއާގެ ސްޕަޓްނިކް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނާއެކު ގަވާއިދާ ހިލާފަށް ޕެޓްރޯލިއަމް މުއާމަލާތް ކުރުމުގެ ތުހުމަތުގައި އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ 17 ކުންފުންޏެއްގެ ލިސްޓުގައި ޓީއާރް6 ޕެޓްރޯ އިންޑިއާ އެލްއެލްޕީ ވަނީ ހިމެނިފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބޭނުންވާ އާމްދަނީ ”ލިމިޓް“ ކުރުން ކަމަށެވެ.
އެ ޑިޕާޓްމެންޓުން ބުނީ އެ ލިސްޓުގައި ހިމެނޭ ކުންފުނިތަކުން އީރާނަށް ފައިސާ އެއްކުރުމަށް އެހީތެރިވެދެމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ދޮގުހަދައި އޮޅުވާލައިގެން އީރާނުގެ ތެޔޮ އުފުލުމާއި ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެ ޑިޕާޓްމަންޓުން ހާމަކުރެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އީރާނުގެ ސަރުކާރުން ބޭނުން ކުރާ އާމްދަނީ ހުއްޓުވުމަށް 17 އިދާރާ އާއި އަމިއްލަ ފަރުދުން އަދި އުޅަނދުތައް ކަނޑައަޅައި ދަތިކުރުމުގެ ފިޔަވަޅުއަޅާފައިވާ ކަމަށެވެ.
އިންޑިއާގެ ޕެޓްރޯލިއަމް ޕްރޮޑަކްޓްސް ޓްރޭޑިން ކުންފުންޏެއް ކަމަށްވާ ޓީއާރް6 ޕެޓްރޯ އިންޑިއާ އެލްއެލްޕީ އިން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް 8 މިލިއަން ޑޮލަރުގެ އަގުހުރި އީރާނުގެ ބިޓުމިން އެތެރެކޮށްފަ އެވެ. އެހެންކަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި އެ ކުންފުނިން އަންނަނީ އީރާނާއެކު ތެލުގެ ވިޔަފާރި ކުރަމުންނެވެ.
އީރާނުގެ ތެލުގެ އާމްދަނީ ދަށްކުރުމަށް އެމެރިކާއިން އެތައްމަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް، އެ މަސައްކަތްތައް ދަނީ ވަނީ ނާކާމިޔާބުވަމުންނެވެ. ބައިނަލްއަގުވާމީ އެކި ފަރާތްތަކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުން ދިޔަ ނަމަވެސް، އެ ގައުމުން ޗައިނާއަށް ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.




