މާލޭގައި އަލަށް ހުޅުވި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން އާންމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.
އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ.
އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް އެ މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.
އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް އެ ސެންޓަރުން ފޯރުކޮށްދޭނެއެވެ.
ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް އެ ސެންޓަރުން ލިބޭނެއެވެ.
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، އެފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން މާލޭގައި އެފަދަ 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީ ކުރަން ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ.




