ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 24 ފަރާތަކަށް އެހީތެރިކަންފޯރުކޮށްދީފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2023، 2024 އަދި 2025 ވަނަ އަހަރު ބޯންމެރޯ ހެދުމަށް ސަރުކާރުން ވަނީ 24 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން 2023 ވަނަ އަހަރު ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާނަސްޕްލާންޓް ހެދުމަށް ވަނީ 5 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 3،851،947.62 ރުފިޔާއެވެ.
އަދި 2024 ވަނަ އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 9 ފަރާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެއީ 7،303،110.34 ރުފިޔާއެވެ.
މީގެ އިތުރުން އެންސްޕާއިން މި އަހަރުގެ މިހާތަނަށް 10 މީހަކަށް ބޯންމެރޯ ހަދަން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެއީ ޖުމްލަ 1،513،821.06 ރުފިޔާއެވެ.
ތެލަސީމިއާގެ ފަރުވާހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ”ހަފުތާ 14″ގައި ހިމެނޭ ވައުދެކެވެ.
މި ވައުދުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން 10 ކުއްޖަކު ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާ މިނިސްޓްރީ އޮފް ހެލްތާއިއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.




