ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ލޯގޯ ރީބްރޭންޑްކޮށްފިއެވެ.
އެ ލޯގޯ ރީބްރޭންޑްކުރީ އެ ކުންފުނީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި އައު ލޯގޯ އިފްތިތާހްކޮށްދެއްވީ، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީން ވަނީ، ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އާރްޑީސީއަކީވެސް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.
އާރްޑީސީއަކީ މީގެ 5 އަހަރު ކުރިން މަގު ހެދުމުގެ މަޤްސަދުގައި އުފެއްދި ކުންފުންޏަކަށްވީނަމަވެސް މިއަދު އާރްޑީސީގެ ޚިދުމަތް މުޅި ޤައުމުގެ އެންމެ އުތުރުން ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ކުރިއަށްދާކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، އެ ކުންފުންޏަކީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދެވޭ ފައިދާވާ ކުންފުންޏަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އަދި މަސައްކަތްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ވަރަށް އަވަހަށް އާރްޑީސީއަށް ލިބޭނެކަން ފާހަގަކޮށް ގައު އަޅާ ވިއްކާ ރަށްރަށުގައިވެސް އެ ވިޔަފާރި ފުޅާކޮށްގެން ކުރިއަށްއޮތް ހައެއްކަ މަސް ދުވަސްތެރޭގައި އެ ކުންފުނި އަރަނިވާ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ނަޒީމް ވިދާޅުވިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ މީގެ 6 އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ، ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެކެވެ.
މަގު ހެދުމާއި ބުރިޖުތައް ހެދުމުގެ އިތުރުން، އިމާރާތްކުރުމާއި އިމާރާތްކުރާ ސާމާނު ފޯރުކޮށްދިނުމުގައި އާރްޑީސީން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.



