އެމެރިކާގެ މެދުވެރިއެއްގެ ދަށުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިދިޔަ މަހު އަމަލުކުރަން ފެށި ފަހުންވެސް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 67 ކުޑަކުދިން ޝަހީދުކޮށްލާފައިވާކަމަށް ޔުނިސެފް އިން ބުނެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުނިސެފްގެ ތަރުޖަމާން ރިކާޑޯ ޕިރޭސް އެވެ.
ޣައްޒާގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔުނިސެފްގެ ތަރުޖަމާނު ރިކާޑޯ ޕިރޭސް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް ޣައްޒާގައި ފަލަސްތީނުގެ 67 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
ރިކާޑޯ ޕިރޭސް ވިދާޅުވީ މިއީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތައް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ތަފާސް ހިސާބުތަކެއް ނޫން ކަމަށާއި އާއިލާއާއެކު ހުވަފެންތަކެއް ދެކެމުން އައި ތުއްތު ކުދިން ކަމަށެވެ.
ސޭވް ދަ ޗިލްޑްރަން އިން މި ހަފުތާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކު ފަލަސްތީނުގެ 475 ކުދިން ނަސްލު ނައްތާލުމުގެ އެ ހަނގުރާމައިގެ ސަބަބުން މުޅި އުމުރަށް ނުކުޅެދުންތެރިކަމާއި ވަނީ ކުރިމަތިލާންޖެހިފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީވެސް ފަލަސްތީނުގެ ކުޑަކުދިންނަށެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ނަސްލުނެތިކޮށްލުމަށް އިސްރާއީލުން ދެމުން އަންނަ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާއިން 69,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށް، 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ނަސްލުނައްތާލުމުގެ އެ ހަނގުރާމަ ހުއްޓާލާނެ ކަމަށްބުނެ އޮކްޓޫބަރު 10ވަނަ ދުވަހު އެއްބަސްވުމެއް އެކުލަވާލި ނަމަވެސް އެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ދަނީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.




