އަންނަ އަހަރު ވިލިމާލޭގައި ވެސް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްތަކުގައި، އަދި ޚާއްސަކޮށް ޓޫރިޒަމްގެ ވިޔަފާރިކުރާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމްއެއް މިހާރުވެސް ބަހައްޓާފައިވާނެ ކަމަށާއި އެފަދަ އިތުރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އަންނަ އަހަރު ވެސް ކުރިއަށްދާނެ ކަމަށެވެ.
”އަންނަ މާރިޗް މަހު 8 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް މިހާރު ނިންމާފަ. އޭގެތެރޭގައި ވިލިމާލެ ވެސް ހިމެނޭ“ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާކަން، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމް ނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، ޖުމްލަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
މި މަސައްކަތް އެ ބޭންކުން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިނިންމާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




