އެމެރިކާގައި އުފައްދާ ތުއްތު ކުދިންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމެއް ފެނުމާއި ގުޅިގެން ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ ”ބައި ހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ“ އިން ’ކްލޮސްޓްރިޑިއަމް ބޮޓުލިނަމް‘ ޖަރާސީމު ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުން، އަދި ނައްތާލުމަށް ޔޫ.އެސް އެފް.ޑީ.އޭ އިން އަންގާފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް މެދުވެރިކޮށް އެމްއެފްޑީއޭ އަށް ހިއްސާކޮށްފައިވާކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މިއަދުން ފެށިގެން އެ އުފެއްދުން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.




