ވޭތުވެ ދިޔަ 2 އަހަރު ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި 53 ސްކޮލާޝިޕް އެވާޑް ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް 2024 ވަނަ އަހަރު 11 ބެޗެލަރސް ޑިގްރީ، 6 މާސްޓަރސް ޑިގްރީ، 1 ޕީ.އެޗް.ޑީ ވަނީ އެވާރޑްކުރެވިފައިވާ ކަމަށެވެ.
އަދި، 2025 ވަނަ އަހަރު 02 ބެޗެލަރސް ޑިގްރީ، 3 މާސްޓަރސް ޑިގްރީ އެވޯޑްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ޓްރާންސްފޯމް ޕްރޮޖެކްޓާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި އެކު މަސްވެރިކަމާއިބެހޭ ޑިގްރީ ޕްރޮގްރާމް ފެށުމަށް ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރު ސެޕްޓެމްބަރ މަހުއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކާ މަސްވެރިކަމާއިބެހޭ ޑިގްރީ ޕްރޮގްރާމްގެ ފައުންޑޭޝަން ޕްރޮގްރާމްވެސް 2026 ވަނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށެވެ.




