އަތޮޅު ކައުންސިލުތައް އުވާލަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
އެ ކޮމިޓިގެ މިއަދުގެ ބައްދަލުވުމުގައި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުގެ ވޯޓުންނެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެއެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެއެވެ.
ޝުޖާއު ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ނަތީޖާއަކީ، ދެން އަތޮޅު ކައުންސިލްތައް އުވުމެވެ.
އެހެންނަމަވެސް އިސްލާހުގައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތައް ދައުރު ހަމަވަންދެން ދެމި ތިބޭނެ އެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލަށް ވާނެއެވެ.



