އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ވިހެއުމުގެ ތެރޭގައި ނިޔާވި ނަޒާހަތު އަހްމަދު ދީދީގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ނަޒާހަތުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގަައި ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ.
”އައްޑޫ ސިޓީ ކައުންސިލްގައި ޚިދުމަތް ކުރައްވަމުން ގެންދެވި، ޢާއިޝަތު ނަޒާހަތު އަޙްމަދަށް، ޝަހީދެއްގެ ދަރަޖަ މާތްﷲގެ ޙަޟްރަތުގައި ދެއްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި ދުޢާކުރަން“ ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާ މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދަންނަވާފައެވެ.
އައިއެމްޑީސީއަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނެއް ހެދި އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވީ ސިޒޭރިއަނަށް ފަހުއެވެ. އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރެއްގެ މަގާމު ފުރަމުން ދިޔަ މީހެކެވެ.




