އަންހެނުން ބާރުވެރިކޮށް ކުރިއަރުވައި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ޤާއިމް ކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ހުރިހާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މުޖުތަމަޢެއް ބިނާކޮށް ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ދުވަހެއް ދުވަހަކަށް ގުޅިލާމެހެވިގެންދާއިރު، އޮންލައިންކޮށް ބިރު ދެއްކުމާއި، ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
”ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކުގެ އެހީގައި އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވައި، އެކުދިންގެ ތަރައްޤީއަށާއި، ޤައުމުގެ ކުރިއެރުމަށް ރައްކާތެރި ސަލާމަތްކަން ލިބިގެންވާ މާޙައުލެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އެއިރުން އޭގެ ހެޔޮ އަސަރު މުޖުތަމަޢުއަށް ކުރާނެ ކަމަށެވެ.



