ޑްރަގުގެ ވިޔަފާރި ހުއްޓުވަން މިމަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި މުޅި ރާއްޖެއިން އަތުލައިގަތީ 29.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އެ އޮޕަރޭޝަނުގެ މައުލޫމާތު ދޭން އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް އެވެ.
އެގޮތުން ނާއިފް ވިދާޅުވީ އެ އޮޕަރޭޝަންގައި 119 މީހަކު ހައްޔަރުކުރިކަމަށާއި އޭގެތެރެއިން 61 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާއިރު 38 މީހަކު ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހާފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ.
ހަމައެހެންމެ އެ އޮޕަރޭޝަންގައި 105 ތަނެއް ބަލައި ފާސްކޮށް 29.6 ކިލޯގެ ޑްރަގް ހޯދި ކަމަށް ނާއިފް ވިދާޅުވިއެވެ.
އޮޕަރޭޝަން އަލިމަގަކީ ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ. އަދި އެ އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެެއެވެ.



