ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމަވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ 2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި މ. އާސްތާނާ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ 17 ފެބްރުވަރީ 2019 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އަދި އެ ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް ޢާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.




