ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ޤާސިމް އެވެ.
އަދި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އަރިހުގައި އެ ދާޢިރާގެ މެމްބަރ ޢަބްދުލް ލަތީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
06 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި ޕްރޮޖެކްޓުގެ އަގަކީ 4.9 މިލިއަން ރުފިޔާއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮޖެޓްގެ ސްކޯޕްގެ ތެރޭގައި ސީޓީ ރޫމް، އެކްސްރޭ ރޫމް އަދި އަލްޓްރާސައުންޑް ސްކޭން ރޫމް އަދި ސްޕީޗް ތެރަޕީ ރޫމް ހިމެނޭ ކަމަށެވެ.




