ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިރޭ ފުރާވަޑައިގެންފިއެވެ.
ދިވެހިބަހާ ބެހޭ މިނިސްޓްރީން ބުނީ މިނިސްޓަރުގެ ދަތުރުފުޅަކީ އެލާޔަންސް ފޮރ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިޔާ (އާޗާ)ގެ ދެވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ބައްދަލުވުން އޮންނާނީ މި ނޮވެމްބަރު 26އިން 29 އަށް ޗައިނާގެ ޗޮންގްޗިންގައެވެ.
ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރިކައިގެ ދާއިރާ ޢިލްމީ ގޮތެއްގައި ތަރައްޤީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގައި އާޗާއަކީ ފަންނީ ގޮތުުން އެހީތެރިކަން ދެވިދާނެ މުހިންމު ބައިވެރިއެއް ކަމަށެވެ.
”އާޗާއިން މެންބަރު ޤައުމުތަކަށް އެހީތެރިކަންދޭ ދާއިރާތަކުގެ ތެރޭގައި ތަރިކަ އިއާދަކުރުމާއި، މަރާމާތުކުރުމާއި ޓެކްނޯލޮޖީއާއި އިންސާނީ ޤާބިލުކަން އިތުރުކުރުން ހިމެނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހި ބަހާ ސަގާފަަތާއި ތަރިކަޔައި ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



