ސްޓެލްކޯ އިންޖީނުގޭގެ ހާދިސާގައި މިއަދު ފިހުނު މުވައްޒަފުގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައި ވަނީ ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގޭގައި މިއަދު ހިނގައިދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ސްޓެލްކޯއިން ބުނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި މިއަދު އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.
”އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައި. މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން“ ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި ހަމަ މިއާއެކު މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް އެ ކުންފުނިން ދެމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
”މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން“ ސްޓެލްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
”އަޅުގަނޑުމެންގެ އިހުލާސްތެރި ދުޢާ އަކީ އެ މުވައްޒަފަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދިނުން.“ ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.



