މިއަދު މެންދުރުން ފެށިގެން މާލޭގެ މަގުތަކުން 6736 ޓަނުގެ ފެން ހިންދައިފިއެވެ.
ރާއްޖޭ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، އިމާރާތްތަކަށް ފެން ވަންނަމުންދާތީ ފެން ހިންދުމުގައި އެމްއެންޑީއެފުން އޮޕަރޭޝަނެއް ފަށާފައި ވަނީ މިއަދު މެންދުރު 13:37 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ މާލެ ސީޓީގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް، ކުރިއަށްގެންދާ އެ އޮޕަރޭޝަންގައި މަގުތަކުން މިހާތަނަށް 6736 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި، ސިފައިން ވަނީ މާލޭގެ ހަތް ސަރަހައްދެއްގައި ހަތް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަަސައްކަތްކޮށްފައެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، ފެންބޮޑުވެ މާލޭ ސިޓީގެ ބައެއް އިމާރާތްތަކަށް ފެން ވަންނަމުންދާތީ، ވެލި ބަސްތާ ޖެހުމުގެ މަަސައްކަތް، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ކުރަމުންދާ އިރު، މިއަދު ކުރަމުންދާ ވިއްސާރައިގައި ފެން ވަންނަމުން ދިޔަ މާލެ ސިޓީގެ ބައެއްގޭގޭގައި ވެލިބަސްތާ ޖަހައިދީފައި ވެއެވެ.
މާލޭގައި ފެން ހިންދުމަަށް ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްވެސް ވަނީ ފެން ހިންދަމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.
ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ނޮވެންބަރު 25ވަނަ ދުވަހު ކުރި ވިއްސާރައިގައި، ފ.ނިލަންދޫ މަގުތަކުގައި ފެން ފެންބޮޑުވުމުން، ފެން ހިންދުމާއި، ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.



