އެމެރިކާގެ ޕެންޓަގަން އިން ޗައިނާގެ ކުންފުނިތަކެއް އެ ގައުމުގެ ”ބްލެކްލިސްޓް“ އަށް އިތުރުކުރުމަށް އެދިފައިވާތީ ޗައިނާއިން އިހުތިޖާޖުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ޗައިނާގެ ބޮޑެތި ކުންފުނިތަކެއް ބްލެކްލިސްޓަށް ލާން ނިންމާފައި ވަނީ ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވާ ކުންފުނިތަކެއް ކަމަށް ތުހުމަތުކޮށެވެ.
ބްލޫމްބާގް ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕެންޓަގަންގެ 1260 އެޗް ލިސްޓުގައި އަލީބާބާ ގްރޫޕް ހޯލްޑިން، ބައިޑޫ އިންކް އަދި ބީވައިޑީ ކޯ ޗައިނާ އަސްކަރިއްޔާއަށް ތާއީދުކުރާ ކުންފުނިތަކުގެ ލިސްޓަށް އިތުރުކުރަން ޕެންޓަގަން އިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެ ތިން ކުންފުންޏާއި އިތުރު ފަސް ކުންފުނި ކަމަށްވާ އީއޮޕްޓޯލިންކް ޓެކްނޮލޮޖީ އިންކް، ހުއާ ހޮންގް ސެމިކޮންޑަކްޓަރ ލިމިޓެޑް، ރޮބޯސެންސް ޓެކްނޮލޮޖީ ކޯ، ވޫޒީ އެޕްޓެކް ކޯ އަދި ޒޮންގްޖީ އިނޮލައިޓް ކޯ އަކީ 1260 އެޗް ލިސްޓުގައި ހިމަނަންޖެހޭ ކުންފުނި ކަމަށް ޕެންޓަގަން އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެެއެވެ.
ނަމަވެސް މިހާތަނަށް އެ ކުންފުނިތައް ރަސްމީކޮށް އެ ލިސްޓަށް އިތުރުކޮށްފައިވާކަން ކަށަވަރެއް ނުވެއެވެ.
އެ ކުންފުނިތައް އެމެރިކާގެ ބްލެކްލިސްޓަށް ލުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު ވިޔަފާރި ކުރުން މަނާ ނުވި ނަމަވެސް އެއީ އެމެރިކާގެ ވިޔަފާރިތަކުން އެ ކުންފުނިތަކާ ގުޅިގެން ވިޔަފާރި ކުރުމުގެ ނުރައްކާއޮތްކަމުގެ ސީރިއަސް އިންޒާރެކެވެ.
އެމެރިކާގެ ގާނޫނުގެ ދަށުން ”ސެކްޝަން 1260 އެޗް“ ގެ ގޮތުގައި ކަނޑައަޅާ ޗައިނާގެ އަސްކަރީ ކުންފުނިތަކުގެ ލިސްޓުގައި މިދިޔަ ޖެނުއަރީ މަހާއި ހަމައަށް 134 ކުންފުންޏެއް ހިމެނޭއިރު، އޭގެ ތެރޭގައި ޗައިނާގެ ޓެކް ކުންފުނި ޓެންސެންޓް ހޯލްޑިންގްސް އާއި ބެޓެރީ އުފައްދާ ކުންފުނި ސީއޭޓީއެލް ހިމެނެ އެވެ.



