އޯޓީޕީ ހޯދައިގެން އެކައުންޓް ކޮންޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތައް އަނެއްކާވެސް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
ސްކޭމްތައް އިތުރުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދުނުއިރު މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.
އަދި މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯން ކަނޑާލުމަށް ފަހު އެ ނަންބަރު ބްލޮކް ކުރުމަށް އެދިފައެވެ.
އަދި ފޯނަށް އަންނަ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އެދި ފުލުހުން ވަނީ ސްކޭމަރުން އަންނަނީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ފޯނަށް އޯޓީޕީ ފޮނުވައިގެން އެކައުންޓްތަކަށް އެކްސެސް ވަނުން އަންނަކަން ފާހަގަކޮށްފައެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ފުލުހުން ބުނީ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅައި، ނުވަތަ reportscam@police.gov.mvއަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެއެވެ.



