ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން އޮފީސް ހިންގަން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފައެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.
އެ އިސްލާހުގައި ވަނީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އެ ބޭފުޅުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެ ކަމަށް ބުނެފައެވެ.
އަދި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދެ ޝަރުތަކާއެކު 25،000 ރުފިޔާގެ އިނާޔަތެއް ދޭންވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
އެ ދެ ޝަރުތަކީ ނައިބު ރައީސްކަމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމާއެކު، ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމެވެ.
ކުރީގެ ނައިބު ރައީސުންގެ މި ދެ ޝަރުތަށް ބަލާލާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަޙީދު ނައިބު ރައީސް ކަމުގައި 5 އަހަރު ދައުރެއް ހަމަ ކުރައްވާފައެއް ނުވެއެވެ. އަދި އެ މަނިކުފާނުގެ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ވަޙީދުއްދީންވެސް މަޤާމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުުރުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޢަބްދުﷲ ޖިހާދުވެސް މަގާމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެއް ނުވެއެވެ.
ހަމައެހެންމެ އެ ދައުރުގައި ޖަމީލްއަށްފަހު ދެން ހުންނެވި ނައިބު ރައީސް އަޙްމަދު އަދީބުވެސް މަޤާމްގައި 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައެއް ނުވެއެވެ. އަދި އަދީބްގެ މައްޗަށް ވަނީ ޖިނާއީ ކުށްތަކެއްވެސް ސާބިތުވެފައެވެ.
މިގޮތުން އަލަށް ހުށަހަޅާފައިވާ އިސްލާހާއެކު ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި އިނާޔަތް މި ބަދަލާ އެއްގޮތަށް މިހާރު ލިބިވަޑައިގަންނަވާނީ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމަށް އެކަންޏެވެ.
ކުރީގެ ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން ހުށަހެޅި އިސްލާހުގައިވާގޮތުން މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަަން ވަނީ ހުށަހަޅާފައެވެ.
ނަމަވެސް ނައިބު ރައީސުން ވެސް މަގާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެ ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ގާނޫނު އޮންނަ ގޮތުން ކުރީގެ ނައިބު ރައީސުންނަށް އެއްވެސް އިނާޔަތެއް ނުލިބެއެވެ.



