އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި ޢިމާރާތް ތަޅައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން މިއަދު ފަށައިފިއެވެ.
މި މަސައްކަތަކީ ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުންނެވެ.
މިނިސްޓްރީން ބުނީ އެ ޢިމާރާތް ތަޅާލަން ނިންމީ އެ ޢިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ޙާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ.
މިއަދު ހެނދުނު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ އެ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައެވެ.
ޢަރަބިއްޔާ ސްކޫލް ހިންގި ޢިމާރާތް ތަޅައިލައި އެ ތަނުގައި ޕާކިންގ ޒޯނަކާއި، ޕާކެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މާލޭގައި ބައުވެ، ބޭނުން ނުކުރެވޭ ފަދަ ޙާލަތްތަކުގައި ހުރި، އަދި އެ ފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި ޙާދިޘާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ ޢިމާރާތްތައް ތަޅައިލުމުގެ މަސައްކަތްތަކުގެ ތެރެއިން 4 ޢިމާރާތެއް ތަޅައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ވަނީ މީގެ ކުރިން ނިންމާފައެވެ.
އެއީ މއ. ރަބީޢުވިލާއާއި، އޯކިޑް ޕްލާޒާއާއި، ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ.
މީގެ އިތުރުން މިނިސްޓްރީއާ މިހާރު ތަޅައިލަން ޙަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ތެރޭގައި، ކުރީގެ ކްރިމިނަލް ކޯޓު ހިންގި ޢިމާރާތް ހިމެނެއެވެ.



