ނުރައްކާތެރިކޮށް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނަ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބް އެވެ.
އެ ބިލުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރުގެ ނުރައްކާތެރިކޮށް ދުއްވުމަކީ ކުށެކެވެ.
އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
އަދި މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ހުށަހަޅާފައިވާއިރު ލިބޭ އަނިޔާ އަކީ ކުޑަ އަނިޔާއެއްނަމަ ކުށްކުރާމީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
ހަމައެހެންމެ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
އަދި އެ ފަދަ ކުށެއް ކޮށްފި ނަމަ، އެއް އަހަރު ދުވަހާއި 20 އަހަރު ދުވަހުގެ މުއްދަތަކަށް ލައިސެންސް ބާތިލުކޮށް ލައިސެންސް ހޯދުމުގެ ހައްގުން ވެސް މަހުރޫމްކުރަންޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބިލުގައިވާގޮތުން އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސެންސް ނެތް މީހަކާ ހަވާލުކުރުމާއި، އުޅަނދެއްގެ ހުންގާނުގެ ކޮންޓްރޯލް ފަސިންޖަރު ސީޓުގައި އިން މީހަކާ ހަވާލުކުރުމަށް ވެސް އަދަބުތައް ވަނީ ކަނޑައަޅާފައެވެ.



